Friday, August 3, 2007

އަޅުގަނޑުމެންގެ ނަފްސުތަކާއި ސުވާލު ކޮށްލަމާތޯއެވެ؟

އަޅުގަނޑުމެންގެ ނަފްސުތަކާއި ސުވާލު ކޮށްލަމާތޯއެވެ؟
Maldify
الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين އިސްލާމީ އުއްމަތް ހަލާކުވެ ދިއުމުގެ އަޞްލަކީ ދީނުގެ ޢިލްމު އުުނގެނިގެން ތިބި މީހުން، އެޢިލްމު އޮޅުވާލުމާއި މީސްތަކުން ދީނުގެ ޢިލްމު ނޭނގި ތިބެ ދީނުގެ ބޮޑެތި މައްސަލަތަކަށް ޙުކުމް ކޮށް ފަތުވާދީ ހަދައި އުޅުމާއި، ޤުރުއާނާއި ސުންނަތުގެ ހިދާޔަތުން އެއްކިބާވެގެން ދިއުމެވެ ދީނުގެ ޙުކުމްތަކާއި ބޮޑެތި މައްސަލަތަކުގެ ތެރެއަށް ވަދެ އެކަންތައްތައް ބަޔާން ކޮށްދޭއިރު އަޅުގަނޑުމެން އެޢިލްމު އުނގެނިގެން ތިބި ބައެއް ކަމުގައި ވާންޖެހެއެވެ. ދީނުގެ ބޮޑެތި މައްސަލަތަކުގައި ސަލަފުއް ޞާލިޙުންގެ ޢިލްމުވެރީން ވިދާޅުވެފައިވަނީ ކީކޭތޯ ނުބަލާ، އެންމެ އާޔަތަކާއި ޙަދީޘްއެއް އެނގޭ އިރަށް އެކަހަލަ ބޮޑެތި މައްސަލަތަކުގެ ތެރެއަށް ފުންމާލައި ފަތުވާ ދޭން ފަށައިފިނަމަ ދެން އިސްލާމީ އުއްމަތް ދާނީ ހަލާކުގެ ތެރެއަށް ވެއްޓިގެން ނޫންތޯއެވެ. އެހެންވީމާ އަޅުގަނޑުމެން ޢަރަބި ބަހާއި ދީނުގެ ޢިލްމު އުނގެނުމަށް އަވަސްވެ ގަންނަމާތޯއެވެ ދީނުގެ ޢިލްމަކީ ރަސޫލު الله صلى الله عليه وسلمގެ ކިބައިން ވާރުތަވަމުން އަންނަ އެއްޗެކެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. "وأن العلماء ورثة الأنبياء" (رواه البخاري, في كتاب العلم/10). މާނައަކީ: "އަދި ހަމަކަށަވަރުން ޢިލްމުވެރީންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ދީނަށް ލޯބި ހުންނަ ކުދިންވެސް، ދީނުގެ ޢިލްމު ޙާޞިލް ކުރުމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމެވެ. ބޭރުގައުމު ތަކުން ޢިލްމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބުމުންވެސް ބައެއް ކުދިން ޙިފްޒު ކްލާސްތަކުގައި އުޅެފައި ކެނޑިގެން އަންނަނީއެވެ، ނުވަތަ އަވަސް އަވަހަށް އެއް ޖާމިޢާއިން އަނެއް ޖާމިޢާއަށް ބަދަލުވާން ހަދައިގެން ނުކިޔެވި އެނބުރި އަންނަން ޖެހެނީއެވެ. ނުވަތަ އެއް ޝެއިޚެއް ކަމު ނުގޮސްގެން އެތައް ޝެއިޚުންނެއް ކައިރީން އެގޮތަށް ގޮސް ބަދަލުވެ އެންމެ ފަހުން އެއްވެސް ޢިލްމެއް ނުލިބި އެންމެ ކުޑަމިނުން އަރަބި ބަސްވެސް ރަނގަޅަށް ނޭނގި، އަނބުރާ ރާއްޖެ އަންނަނީއެވެ. އެހިނދު ޚުދު އަޅުގަނޑުމެންނަށް މިތިބެވެނީ ދީނުގެ ޢިލްމުގައި ސަލަފުއް ޞާލިޙުން އަޅުއްވައިދެއްވެވި ބިންގާގެ މަތީ ރަނގަޅަށް ޘާބިތު ނުވެވިއެވެ ރަސޫލު الله صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވެއެވެ. " إِنَّ اللهَ لا يَقْبِضُ العِلْمَ انتزاعًا ينتزعُه مِن العبادِ ، ولكن يَقْبِضُ العِلْمَ بقَبْضِ العُلماءِ ، حَتَّى إذا لم يُبْقِ عالمًا اتَّخذَ النَّاسُ رؤوسًا جُهَّالاً، فَسُئِلُوا فأفتوا بغَيرِ عِلْمٍ فَضَلُّوا وأَضَلُّوا" (متفق عليه). މާނައަކީ: "ހަމަކަށަވަރުން الله تعالى ،އަޅުތަކުންގެ ކިބައިން ޢިލްމު ދައްމަވައިގަތުމަކުން އެޢިލްމެއް ނުހިއްޕަވާނެއެވެ. އެކަމަކު ޢިލްމު އެކަލާނގެ ހިއްޕަވާނީ ޢިލްމުވެރިން މަރުގަންނަވައިގެންނެވެ. ދެން އެއްވެސް ޢިލްމުވެރިޔަކު އެކަލާނގެ ނުބަހައްޓަވާހިނދު، މީސްތަކުން އެބައިމީހުންގެ ބޮޑުން ކަމުގައި ޖާހިލުން (ރޯނުއެދުރުން) ހަމަޖައްސާނެތެވެ. ފަހެ އެޖާހިލުން އެއްވެސް ޢިލްމަކާނުލައި ފަތުވާދޭނެތެވެ. ފަހެ، އެބައިމީހުން ތިބޭނީ ޚުދު މަގުފުރެދިފައެވެ. އަދި މީސްތަކުން މަގުފުރައްދާނެތެވެ" ވީމާ މިކަމުގައި ފުރަތަމަ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާއި މެދު ވިސްނަންވީއެވެ. ހަމަ ނޭނގި ތިއްބާ އަޅުގަނޑުމެންނަކީވެސް މަތީގައި ބަޔާންވެ އެދިޔަ ޙަދީޘްގައިވާ ފަދައިން ޢިލްމަކާއި ނުލާ ދީނުގެ ބޮޑެތި ބޮޑެތި މައްސަލަތަކުގައި ފަތުވާދޭ ބަޔަކަށް ވެދާނެއެވެ. وصلّ اللهم وسلّم على نبيِّنا محمّد وعلى آله وصحبه وسلّم

0 ޚިޔާލު: