ކުފުރުގެ ޢަމަލެއް ކުރާ އަދި ކޮންމެ މީހަކީ ކާފަރެއް ނޫނެވެ
އޮޅުވާނުލާތި އިނގެއެވެ. މިބުނަނީ ހުރިހާ އެންމެންގެ ވާހަކައެއް ނޫނެވެ. މިކަހަލަ ބޮޑެތި ކަންކަމުގައި އެތައް އާޔަތްތަކާޢި ޙަދީޘްތަކެއް އައިސްފައި ވާއިރު، އެތަކެތި ނޭނގި، އެންމެ އާޔަތެއްގެ މައްޗަށް ހުރިހާ އެންމެން ކާފަރު ކޮށް އެމީހުންގެ ބޯކަނޑަން ހުކުމް ކުރަން ހެޔޮ ވާނެތޯއެވެ؟ ހިތާމައަކީ ޤުރުއާނާއި ސުންނަތުގެ ޢިލްމުނެތި، ދީނުގެ ބޮޑެތި ޢިލްމުވެރިން އެކަންކަމާއިމެދު ދައްކަވާފައި ހުރި ވާހަކަތައް ނުބަލާ، ނެޓުން ކޮންމެވެސް ސައިޓަކުން އެއްޗެއް ފެންނައިރަށް އޭގެ މައްޗަށް ޙުކުމް ކޮށް ނިންމާލާތީއެވެ. ގިނަފަހަރު މިފަދަ ތަކެތީގައި ހުންނަނީ އެބައެއްގެ ކޮޅު ވަރުގަދަ ކުރުމައްޓަކައި ފަތުވާއެއްގެ ތަންކޮޅެއްނަގައި އެބުނަން އުޅޭ އެއްޗަކަށް ބާރުދީފައެވެ. މިގޮތުން شَيْخُ الإِسْلاَم ابن تَيْمِيَة ގެ ފަތުވާއަށް ބަލާލަމާތޯއެވެ. شَيْخُ الإِسْلاَم ابن تَيْمِيَة ވިދާޅުވިއެވެ. "الله تعالى އެކަލާނގެ ރަސޫލާ އެދީނަކާއިގެން ފޮނުއްވި ޙައްޤުދީނުން ނިކުމެ، އެކަލާނގެ ރަސޫލާގެ ދޫފުޅުމަތިން އެކަލާނގެ ޚަބަރު ދެއްވި ހުރިހާ ކަމެއް އިޤުރާރު ނުކޮށް، الله އާއި އެކަލާނގެ ރަސޫލާ ޙަރާމް ކުރެއްވި ކަންތައް ޙަރާމް ނުކުރާ މީހާ، މިސާލަކަށް: ތިމާގެ ޝެއިޚު ތިމާއަށް ރިޒްޤު ދެއްވާކަމުގައި ނުވަތަ ނަޞްރު ދެއްވާ ކަމުގައި ނުވަތަ ހިދާޔަތް ދައްކަވާ ކަމުގައި ނުވަތަ ތިމާގެ ފަރިޔާދުތަކަށް އިޖާބަދޭ ކަމުގައި ނުވަތަ ތިމާގެ ޝެއިޚު، ރަސޫލު الله صلى الله عليه وسلم އަށްވުރެ މާތްވެގެންވާ ކަމުގައި އިޢުތިޤާދު ކުރާ މީހާ ދަންނައެވެ. އޭނާ މިއިން ކަމެއް ފާޅުކުރާނަމަ އޭނާއަކީ ކާފިރެކެވެ. އަދި ފާޅުނުކޮށް ހިތުގައި ފޮރުވައިގެން ހުރިނަމަ އޭނާއަކީ މުނާފިޤެކެވެ." މައްސަލައަކީ މިހާ ހިސާބައް ގެނެސްފައި މިފަތުވާގައި ދެން ނުނިމި އޮތްބައި ނުގެނެސް އެފަދަ ހުރިހާ އެންމެން ކާފަރުން ކަމުގައި ޙުކުމް ކުރާކަމެވެ. ނުނިމި އޮތްބަޔަށް ބަލާލަމާތޯއެވެ. "މިޙުކުމް އެފަދައިން ބުނާ ހަމަ ކޮންމެ މީހެއްގެ މައްޗަކަށް ނާންނާނެއެވެ. އެއީ އެނާގެ މައްޗަށް ކުފުރުގެ ޙުކުމް ކުރުމުގެ ޝަރުތުތައް އޭނާގެ ކިބައިގާ ވެ، އަދި އޭނާގެ މައްޗަށް އެޙުކުމް ނަފީ ކުރާ ސަބަބުތައް އޭނާގެ ކިބައިން ފިލައިފުމަށް ދާންދެނެވެ. މިސާލަކަށް އަލަށް އިސްލާމްވާ މީހަކު ރަލާއި ރިބާ ޙަލާލުކަމަށް ބުންޏަސް ކުފުރުގެ ޙުކުމް އޭނާގެ މައްޗަށް ނާންނާނެއެވެ. (ސަބަބަކީ އޭނާއަށް އަދި ދީނުގެ ޙުކުމްތަކެއް ރަގަޅަކަށް ނޭނގޭނެއެވެ.) އަދި އިސްލާމީ މާހައުލާއި މުޅިން ދުރުގައި އުޅެ ބޮޑުވި މީހާގެ މައްޗަށްވެސް މިޙުކުމެއް ނާންނާނެއެވެ." (مجموع الفتاوى: 3/354) އަހަރުމެން ރާއްޖޭގައި މިތިބަ ގިނަ މީހުންނަކީ "لا اله الاّ الله محمد رسول الله" ކިޔައިގެން ތިބި ބަޔަކަސް، ހަމަ ޙަޤީޤަތުގައިވެސް އެމީހުންނަށް ދީނުގެ ޢިލްމު އެއްވެސް ވަރަކަށް ނޭނގެއެވެ. އަދި މިއޮތް ހުރިހާ ދުވަހު ދީން އޮޅުވާލައިފާ އޮތުމުން، އެމީހުންނަށްވަނީ ދީނުގެ ޙަޤީޤަތް އޮޅިފައެވެ. އެހެންކަމުން އެފަދަ ޖާހިލު ބަޔަކަށް އެކަން ބަޔާން ކޮށްދިނުމުގެ ކުރީން އެމީހުން ކާފަރުކޮށް ބޯކަނޑަން އިޢުލާނުކުރުން ހުއްދަވެގެން ނުވެއެވެ. ރަނގަޅެވެ، އެމީހުންގެ ތެރޭގައި ހަމަ ސީދާ ސާފު ކުފުރު ފެންނަން ތިބި ބަޔަކު އެބަތިއްބެވެ، އެހެންނަމަވެސް އޭގެ ސަބަބުން ދެންތިބި އެހެންމީހުންނަށް އެފަދަ ޙުކުމެއް ކުރެވިދާނެތޯއެވެ؟
Friday, August 3, 2007
Subscribe to:
Post Comments (Atom)
0 ޚިޔާލު:
Post a Comment